ގައުމުގެ ހަމަޖެހުން ނަގާލަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިއްޔެ ފިޔޯރީ ރައްޔިތުންނާ ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ވިދާޅުވީ ފާއިތުވި އަހަރު ގައުމުގައި އޮތީ ހަމަޖެހުން ގާއިމުވެފައި ކަމަށާއި ބަދަލުހިފުމުގެ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. ސިޔާސީ ވާދަވެރިކަމުގެ ތެރެއިން މީހުންނަށް އަނިޔާކުރުމާއި، ހައްޔަރުކޮށް ޖަލަށްލުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށާއި މި ގައުމުގައި އޮންނާނީ ހަމަޖެހުން ކަމަށް ރައީސް ވިދާޅުވި އެވެ.
“މިޤައުމުގައި ސިޔާސީ ފަރާތްތަކުން އަދި އެނޫންވެސް ބަޔަކަށް މިހަމަޖެހުން ނަގާލުމަކަށް އަޅުގަނޑެއް ޖާގައެއް ނުދޭނަން. އެއްވެސް ފުރުސަތެއް އެކަމަކަށް ނުދޭނަން. އެކަމަށް އެއްވެސް ބަޔަކު އެއްވެސް ކަމެއް ކުރަން މަސައްކަތްކޮށްފިނަމަ އަޅުގަނޑު އެކަން ޤައުމީ ވިސްނުމެއްގައި ހުއްޓުވާ ޤައުމުގެ ހަމަޖެހުން ޔަގީންކުރާނަން,” ރައީސް ވިދާޅުވިއެވެ.
ތަރައްގީގެ ފުރިހަމަ ނަފާ ރައްޔިތުންނަށް ލިބޭނީ ގައުމުގައި ހަމަޖެހުން އޮވެގެން ކަމަށާއި ހަމަޖެހުމާއެކު ގައުމު ކުރިއަށް ގެންދިޔުމުގައި ރައްޔިތުން އެއްބާރުލުން ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. ގައުމަށް ގެންނަން ބޭނުން ވަނީ ވަށާޖެހޭ ތަރައްގީއެއް ކަމަށާއި އެ ތަރައްގީ ގެންނަން ބޭނުން ވަނީ ހަމަޖެހުން ގައުމުގައި އޮވެގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ގައުމުގައި ހަމަޖެހުން ގާއިމްކުރުމަށް ކުރާ މަސައްކަތަށް ރައްޔިތުން އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.