ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ގއ. ދެއްވަދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި އައުޓްޑޯ ޖިމްއެއް ޤާއިމުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފިއެވެ. މިކަމުގެ ޔަޤީންކަން ދެއްވީ ރަށު ކައުންސިލުން އެކަމަށް އެދިވަޑައިގަތުމުންނެވެ.
ދެއްވަދޫއަށް ކުރެއްވި ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެ ރަށުގެ ކައުންސިލަރުން ވަނީ ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށާއި، އައުޓްޑޯ ޖިމްއެއް ޤާއިމުކޮށް، ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ބިމުގެ ދަތިކަމަށް ޙައްލެއް ހޯދުމަށާއި އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މީގެއިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވަނީ ވޮލީކޯޓެއް ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމެއް ބައްލަވައިދެއްވާނެ ކަމަށެވެ. އަދި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ދެއްވަދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް ޙައްލުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާކުރައްވާފައެވެ.