މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެ ފަރާތްތަކުގެ އުންމީދުތަކާ އެއްގޮތަށް ކަންކަން ފަހިކޮށްދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅެއްގައި ގއ. ދެއްވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މަސްވެރިކަމުގެ ސިނާޢަތަކީ ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތަކުގެ ތެރެއިން ބޭރުގެ ލޮޅުންތަކުގެ ނުރައްކާ އެންމެ ކުޑަ ދާއިރާކަން ފާހަގަކުރައްވާފައެވެ. އަދި ރަނގަޅަށް މަސައްކަތްކޮށްފިނަމަ، މި ސިނާޢަތަކީ ޤައުމުގެ ޖުމްލަ އުފެއްދުންތެރިކަމަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ދާއިރާއަށް ހެދިދާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތަކީ ދިވެހިންގެ އަތްމަތީގައިވާ އަދި ރައްޔިތުންގެ މުއްސަނދިކަން އިތުރުކޮށްދެވޭނެ ދާއިރާއެއް ކަމަށެވެ. އަދި މިހާރުވެސް ސަރުކާރުން ވަނީ ބޭރުގެ އެހީއާއި ސަރުކާރުގެ ބަޖެޓު މެދުވެރިކޮށް މި ސިނާޢަތް ފުޅާކޮށް، އެ ދާއިރާއަށް މީހުން އިތުރުކުރުމުގެ މަސައްކަތް ފަށާފައި ކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ މި ސަރުކާރުން މަސްވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރިއަށް ގެންދާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް އަޑުއަހައި، އެ ފަރާތްތަކުގެ ޚިޔާލުތަކާއެކު ކަމަށް ވިދާޅުވެފައެވެ.