ބޯކޮށްވާރޭވެހި މާލޭގައި ފެންބޮޑުވުމުން މަގުތަކުން ފެން ހިންދުމަށް ސިފައިން ނިކުމެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެގެން، ފެން ހިންދުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، މާލޭގެ 8 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ދަނީ މަސައްކަތްކުރަމުން ކަމަށެވެ.
އެގޮތުން ވެސްޓްޕާކް ސަރަހައްދުގައި 4 ޕަމްޕް، އައިޖީއެމްއެޗް ސަރަހައްދުގައި 3 ޕަމްޕް، މާފަންނު ފެރީ ޓާމިނަލް ސަރަހައްދުގައި 3 ޕަމްޕް، ސަލްމާން މިސްކިތް ސަރަހައްދުގައި 1 ޕަމްޕް، ބޮޑު ވަޅު ސަރަހައްދުގައި 4 ޕަމްޕް، ކުޑަކުދިންގެ ބަގީޗާ ސަރަހައްދުގައި 1 ޕަމްޕް އަދި
އެމްޕީއެލް ސަރަހައްދުގައި1 ޕަމްޕް ބަހައްޓާފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
މިއަދުގެ 06:00 އާއި ހަމައަށް 6835 ޓަން ގެ ފެން ސިފައިން ވަނީ ހިއްކާފައިވެއެވެ.
މީގެއިތުރުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން އަންނަނީ މާލޭގެ ދެ ސަރަހައްދެއްގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ. މިގޮތުން މިހާތަނަށް 46 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެއިދާރާއިން ހާމަކުރެއެވެ.