ދުބާއި ޕޮލިސް އާއި ރޮޗެސްޓަރ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ – ދުބާއި އިން އިންތިޒާމުކޮށްގެން ހިންގާ “ޕްރޮފެޝަނަލް ޑިޕްލޮމާ އިން ޕޮލިސިންގ އިނޮވޭޝަން އެންޑް ލީޑަރޝިޕް” ކޯހުގައި ބައިވެރިވުމުގެ ފުރުސަަތު އަލަށް ދިވެހި ފުލުހަކަށް ލިބިއްޖެއެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮންސްޓަބަލް އާމިނަތު މުޝްރިފާ އަށެވެ. އަދި ކޯހުގައި ބަިއވެރިވުމަށް ކޮންސްޓަބަލް މުޝްރިފާ މިހާރުވަނީ ދުބާއީއަށް ފުރާފައެވެ.
ފުލުހުންގެ ހިދުމަތުންް ހާމަކުރިގޮތުގައި މި ކޯހަކީ ހަތަރު މަސްދުވަހުގެ މުއްދަތަށް ހިންގާ ރެސިޑެންޝަލް ތަމްރީނު ޕްރޮގްރާމެކެވެ. އަދި ކޯހުގައި 8 އެކަޑަމިކް މޮޑިއުލްއާއި 5 ޓެކްޓިކަލް މޮޑިއުލް ހިމެނޭ ކަމަށާއި، މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ޒަމާނީ އުކުޅުތަކާއި، ލީޑަރޝިޕް ހުނަރުތައް އަދި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ކުރިއެރުން ގެނެސްދޭނެ އައު ވިސްނުންތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެކަމަށް ވަނީ ބުނެފައެވެ.
ފުލުހުނގެ ހިދުމަތުންް އިތުރަށް ހާމަކުރިގޮތުގައި ކޯހުގެ އެކަޑަމިކް މޮޑިއުލްތަކުގެ ތެރޭގައި އެކުވެރި އަރަބި އިމާރާތުގެ މުޖުތަމައާއި ޤާނޫނު ތަންފީޒުކުރުން، އަލަށް ތައާރަފުވަމުންދާ ޓެކްނޮލޮޖީތައް، ފުލުހުންގެ ލީޑަރޝިޕް އަދި އިނޮވޭޝަން، ސްމާޓް ސިޓީތަކުގައި ފުލުހުންގެ ހިދުމަތް ދިނުން، އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން ފަދަ މުހިންމު މޮޑިއުލްތައް ހިމެނެއެވެ. އަދި ޓެކްޓިކަލް މޮޑިއުލްތަކުގެ ތެރޭގައި ހަތިޔާރު ބޭނުންކުރުމާއި، ހާދިސާތައް މެނޭޖްކުރުމާއި، ކްރައިސިސް ނެގޯޝިއޭޝަން ފަދަ އަމަލީ ތަމްރީނުތައް ހިމެނެއެވެ.
މި ކޯސް ފެށޭނީ މިމަހުގެ 13 ވަނަ ދުވަހު އަދި ނިމޭނީ މި އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގައެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފަކަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.