މިދިޔަ އަހަރަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރި އަހަރެއްކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުން ހާމަކުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މިދިޔަ އަހަރު 73،953 އުޅަނދު ޗެކްކޮށް، 7،606 ފަރާތަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.
މީގެ އިތުރުން، 66،347 މީހަކަށް ނަސޭހަތްދީފައިވާއިރު، ލައިސަންސް ނެތި އުޅަނދު ދުއްވި 2،138 ފަރާތެއް ފާހަގަކުރެވުނެވެ. މީގެ ތެރޭގައި ދެފުރޮޅުލީ އުޅަނދު ދުއްވި 2،005 މީހުންނާއި ހަތަރު ފުރޮޅުލީ އުޅަނދު ދުއްވި 133 މީހުން ހިމެނެއެވެ.
ފުލުހުންގެ މަސައްކަތުގެ ތެރޭގައި ޖުމްލަ 15،514 އުޅަނދު ޓޯކުރެވުނެވެ. މީގެ ތެރެއިން 13،562 އުޅަނދު ވެރިފަރާތާ ހަވާލުކުރެވުނު އިރު، 546 އުޅަނދު ނައްތާލެވުނެވެ. ޓޯކުރެވުނު އުޅަނދުތަކުގެ ތެރޭގައި 11،645 ސައިކަލާއި، 2،567 ކާރާއި، 478 ޕިކަޕާއި، 369 ވޭނާއި، 87 ޓްރަކް ހިމެނެއެވެ.
ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ 293 މައްސަލަ ރިޕޯޓުކުރެވުނެވެ. މީގެ ތެރޭގައި ދެފުރޮޅުލީ އުޅަނދާ ގުޅުންހުރި 271 މައްސަލައާއި ހަތަރު ފުރޮޅުލީ އުޅަނދާ ގުޅުންހުރި 22 މައްސަލަ ހިމެނެއެވެ.