ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމަކީ ރައީސް މުޢިއްޒު އެސްޓޯނިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދެވުނު ބައްދަލުކުރެއްވުމެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ފަތުރުވެރިކަމާއި، ތަޢުލީމު އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ރައީސް މުޢިއްޒު ވަނީ ސައިބަރ ސެކިއުރިޓީ އަދި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން ޢިލްމު ހިއްސާކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
ރައީސް މުޢިއްޒު ވަނީ އެސްޓޯނިއާއަކީ އިޢާދަކުރަނިވި ހަކަތަ، ސްމާޓް ގްރިޑް އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ދާއިރާގެ މާހިރުންކަން ފާހަގަކުރައްވައި، މިއީ ދިވެހިރާއްޖެއަށް އަގުހުރި ނަމޫނާތަކެއްކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ޑިޖިޓަލް ތަރައްޤީ ޤާއިމުކޮށް، ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމުގައި ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދުވެސް މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން، ދެ ރައީސުން ވަނީ ބައިނަލްއަޤުވާމީ ސެކިއުރިޓީއާ މެދު ޚިޔާލު ބަދަލުކުރައްވައި، ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުން ހިއްސާކުރާ ކަންކަމުގައި އެއްބާރުލުން ދިނުމަށް އެއްބަސްވެވަޑައިގެންފައެވެ.
ބައްދަލުކުރެއްވުން ނިންމަވާލެއްވީ އެސްޓޯނިއާ އާއި ދިވެހިރާއްޖެއާ އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެކަމުގެ ޔަޤީންކަން ދެ ރައީސުން ފާޅުކުރައްވަމުންނެވެ.