މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި އަދި ވިޔަފާރިކުރުމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 26 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލަކު، ފުނާޑު / ފިނިފެންމާގެ، އަޙްމަދު ޝަޢުބާން ލަޠީފެވެ. މި މަހުގެ 12 ވަނަ ދުވަހު ހިންގުނު އޮޕަރޭޝަނުގައި، ޝައުބާނާ ގުޅުންހުރި ކަމަށް ބެލެވޭ ހުޅުމާލެ ފޭސް 2ގެ އެޕާޓްމަންޓަކާއި މާލޭގެ ތިން ތަނެއް ބަލައި ފާސްކުރިކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
މި ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ 1058.31 ގްރާމުގެ އެއްޗެހި ފެނިފައިވާކަމަށާއި، މި މައްސަލައާ ގުޅިގެން ޝައުބާން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެވާކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މި މައްސަލަފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.