އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ފާހަގަކުރެއްވީ ޣައްޒާގައި 15 މަސްދުވަހުގެ މުއްދަތަށް ހިނގަމުންދިޔަ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ފެށުނު މި ހަނގުރާމައިގައި މިހާތަނަށް 46،707 މީހުން ޝަހީދުވެ، 110،265 މީހުން ޒަޚަމްވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވުނުކަމީ ހިތްހަމަޖެހޭ ކަމެއްކަމަށް ވިދާޅުވެ، މިކަމަށް މަގުފަހިކޮށްދިން ހުރިހާ ޤައުމުތަކަށް ޝުކުރު އަދާކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި އެއްބަސްވުން ދެމެހެއްޓުމާއެކު، ފަލަސްތީނު ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު އިސްރާއީލުން ދޭންޖެހޭނެ ކަމަށެވެ. އަދި ޣައްޒާއިން ފުރައިގެން ދިޔަ މީހުންނަށް އަނބުރާ އެނބުރި އައުމުގެ ފުރުސަތު ދިނުމަށާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ފަލަސްތީނު އަލުން ބިނާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލެއްވިއެވެ.
މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ވަނީ ގެދޮރު ދޫކޮށް ހިޖުރަކޮށްފައެވެ. އަދި ބައި މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަނޑުހައިހޫނުކަމުގައި ޖެހިފައެވެ. މި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެވިފައިވަނީ ޤަތަރު މެދުވެރިވެގެން ކުރެވުނު މަޝްވަރާތަކަކަށްފަހުގައެވެ.