އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަލަށް އައްޔަންކުރަން ދެ މެންބަރުންގެ ނަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ހުށަހަޅައިފިއެވެ. މި ދެ ނަން ހުށަހަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.
މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވުނު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު އިއްވުމަށްފަހު، މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވަނީ މި ދެ ނަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ. މި މަޤާމަށް އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ހޮއްވެވި ދެ ނަމަކީ:
1. އަޙްމަދު ނާޝިދު (މއ. ގޯލްޑަން މޫން)
2. އާސިޔާ އަޒީމާ (ރޯޒް ވިލާ / ރ. ހުޅުދުއްފާރު)
މި ދެ މަޤާމަށް މެންބަރުން އައްޔަންކުރަން ޖެހުނީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި މެންބަރު ތޯހާ މުޙައްމަދު މިދިޔަ ނޮވެންބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ ދެ ބޭފުޅުން މަޤާމުން ދުރުކުރުމަށް ފާސްކުރި ނިންމުމަކާ ގުޅިގެންނެވެ.
މިހާރު މި ދެ ނަން ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވިފައެވެ. އެ ކޮމިޓީން މި ދެ ނަމަށް ރުހުން ދިނުމާމެދު ގޮތެއް ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.