ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ރޯދަމަހަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމް މަސް އުންޏެއް ނުވާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ. އަދި މިކަމާ ގުޅޭގޮތުން ފަތުރަމުންދާ މަޢުލޫމާތުތަކަކީ ދޮގު ވާހަކަތަކެއް ކަމަށްވެސް މިފްކޯއިން ބުނެފައިވެއެވެ.
މިފްކޯއިން މިހެން ބުނެފައި މިވަނީ އެ ކުންފުނިން ކުދި ގޭބިސީތަކަށް އަމާޒުކޮށްގެން، އަލަށް ބާޒާރަށް ނެރެފައިވާ 140 ގްރާމްގެ މަސްދަޅަކީ ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ބެހުމަށް ތައްޔާރުކޮށްފައިވާ މަސްދަޅުތަކެއް ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން އެ ކުންފުނިން ވަނީ ރޯދަމަހަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމް މަސް އުންޏެއް ނުވާނެކަމަށް ބުނެފައެވެ.
އަދި ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް މިފްކޯއިން ވަނީ 140 ގްރާމް ބާޒާރަށް ނެރުނީ ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި ކަމަށާއި، ސަބަބަކީ މަސް ދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ ކަމަށް ބުނެފައެވެ.
މީގެ ކުރިން މިފްކޯއިން އުފައްދަމުން އައީ 180 ގްރާމްގެ މަސްދަޅެވެ. މި ސައިޒުގެ މަސްދަޅު ތެލުގައި އަދި ފެނުގައި ބަންދުކޮށްފައި ވިއްކަމުން އައީ 17.5 ރުފިޔާއަށެވެ. އެހެންނަމަވެސް އަލަށް ނެރުނު 140 ގްރާމްގެ މަސްދަޅު ވިއްކަނީ 15 ރުފިޔާއަށެވެ.