ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ރ. އަތޮޅުގެ 11 ރަށަކަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ފައްޓަވައިފިއެވެ. މި ދަތުރުފުޅުގައި ރައީސް މިއަދު ވަޑައިގަންނަވާނީ ވާދޫ، ރަސްގެތީމު، އަނގޮޅިތީމު، ހުޅުދުއްފާރު އަދި އުނގޫފާރަށެވެ.
ދަތުރުފުޅުގެ ދެވަނަ ދުވަހު ރައީސް ވަޑައިގަންނަވާނީ މާކުރަތު، މަޑުއްވަރި، ރަސްމާދޫ އަދި އިންނަމާދޫ އަށެވެ. އަދި ދަތުރުފުޅުގެ އެންމެ ފަހު ދުވަހު ކަމުގައިވާ ބުރާސްފަތި ދުވަހު ވަޑައިގަންނަވާނީ ފައިނު އަދި ކިނޮޅަހަށެވެ.
މި ދަތުރުފުޅަކީ ރައީސް މުއިއްޒު މިދިޔަ އަހަރު ފައްޓަވައިގެން ކުރިއަށް ގެންދަވާ، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ. މި ސިލްސިލާގެ އެންމެ ފަހުގެ ދަތުރުފުޅެއްގެ ގޮތުގައި ރައީސް މި މަހުގެ ކުރީކޮޅު ވަޑައިގެންނެވީ ގއ. އަދި ގދ. އަތޮޅުގެ ބައެއް ރަށްރަށަށެވެ.
މި ދަތުރުފުޅުތަކުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ ރައްޔިތުންނާ ބައްދަލުކޮށް ދެނެގަތުމާއި، އެ ކަންކަމަށް ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.



