ރ. ވާދޫ ކައުންސިލަކީ ނަމޫނާ ކައުންސިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު އެރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
ރައީސް މުޢިއްޒު މިހާރު ވަނީ ރ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ފައްޓަވާފައެވެ. މި ދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތަށް ރ. އަތޮޅުގެ 11 ރަށަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އެކި ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަދި ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރ. ވާދޫ ކައުންސިލަކީ ނަމޫނާ ކައުންސިލެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވުމާ ގުޅިގެން، ވަޒީރު އާދަމް ޝަރީފް ވަނީ ވާދޫގެ ކައުންސިލާއި ރައްޔިތުންނަށް މަރުޙަބާ ދަންނަވާފައެވެ.