“މާސްޓަރ ދުރްގާ ރާއޯ ގުރުޖީ” ނަމަކަށް ކިޔާ މީހަކު ދިވެހިރާއްޖޭގައި ރޫހާނީ ފަރުވާގެ ޚިދުމަތްތަކެއް ދޭކަމަށް ބުނެ ސޯޝަލް މީޑިއާގެ މަންސަތަކުގައި އިޝްތިހާރު ކުރަމުންދާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށެވެ.
“ދިވެހިންގެ ސަގާފަތާއި ދީނާ ޚިލާފު މިފަދަ ކަންކަމުގެ މަޢުލޫމާތު އެކަކު އަނެއްކަކާ ހިއްސާ ކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް,” ފުލުހުން ބުނެފައިވެއެވެ.
އަދި ފުލުހުން ވަނީ މިފަދަ އިޝްތިހާރެއް ފެނިއްޖެނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.