ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. ވާދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ވާދޫގެ ތަރައްޤީއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.
ރައީސްވިދާޅުވީ ވާދޫއަކީ އުފެއްދުންތެރި ވިސްނުމާއެކު އަމިއްލައަށް އިސްނަގައިގެން ގިނަ ކަންތައްތަކެއް ކުރާ ރަށެއްކަމަށާއި، ރަށުގެ ތަރައްޤީއަށް ރައްޔިތުން ކުރާ މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
މީގެ އިތުރުން، ރަށުގެ ކުނި މެނޭޖްމަންޓް މައްސަލަ އަވަހަށް ހައްލުކުރެވޭނެ ކަމަށާއި، އޭގެ ސަބަބުން ގޯތި ދޫކުރުމުގެ މައްސަލަ ވެސް ހައްލުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް މަސައްކަތްކުރާނެ ކަމަށާއި، އެމްޓީސީސީއާ ހަވާލުކޮށްގެން ރައްޔިތުން އެދޭ ފެންވަރުގައި ބަނދަރު ހަދައިދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސްކޫލަށް ބޭނުންވާ އިތުރު ވަސީލަތްތައް ފޯރުކޮށްދިނުމަށާއި، ޞިއްޙީ ދާއިރާގައި ލެބޯޓަރީގެ ޚިދުމަތް ގާއިމުކޮށްދިނުމާއި ޚިދުމަތްދޭ ވަގުތު އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.
އަދި ޖުމްލަ ގޮތެއްގައި، ޞިއްޙީ އަދި ތަޢުލީމީ ދާއިރާގައި ރަށުގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ހާސިލުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.