އޮޑިފަހަރު ބަންނަ ވަޑިންނަށް ފަސޭހައިން ލޯނު ލިބޭނެ ސްކީމެއް ތަޢާރަފުކުރައްވާނެ ކަމަށާއި، އެ މަސައްކަތަށް ދިވެހިން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންފިއެވެ.
ރައީސް، ރ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އިންނަމާދުއަށް ވަޑައިގެން ވިދާޅުވީ އޮޑިފަހަރު ބަނުމަކީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާ މަސައްކަތެއް ކަމަށެވެ. އަދި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ކަންކަމުގެ ތެރެއިން ލުއި ގޮތެއްގައި ރަހުނަކާ ނުލައި ލޯނު ނެގޭނެ ގޮތް ބޭންކިން ނިޒާމުގެ ތެރެއިން ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އިންނަމާދޫގައި މި ދާއިރާއަށް ތަމްރީނު ދެވޭނެ މަރުކަޒެއް ޤާއިމުކުރެއްވުމަށް ވެސް ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ. މި މަސައްކަތް ކުރިއަށް ގެންދަވާނީ ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީ މެދުވެރިކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ސިޔާސަތަކީ މި ދާއިރާގައި ހުންނަ ސަރުކާރުގެ މަޝްރޫޢުތަކުގައި ދިވެހިންނަށް އިސްކަންދިނުމެވެ. މި ފިޔަވަޅުތަކުގެ ސަބަބުން، އޮޑިފަހަރު ބަނުމުގެ ދާއިރާ ދިވެހިންނަށް ޚާއްޞަ، ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް އުންމީދު ފާޅުކުރެއްވިއެވެ.