ދިވެހިރާއްޖޭގައި ޤާނޫނާ ޚިލާފަށް ފާލުބެލުމުގެ ޙަރަކާތްތައް ހިންގަމުންދިޔަ އިންޑިއާއަށް ނިސްބަތްވާ ތިން ފިރިހެނުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނާއި އިމިގްރޭޝަން އެކުގައި ހިންގި އޮޕަރޭޝަނެއްގައެވެ.
ހައްޔަރުކުރެވުނު މީހުންނަކީ 18 އަހަރުގެ ދަނަންޖޭ ބައިލަޕަތީ، 39 އަހަރުގެ ނަގަރާޖާ ބައިލްޕަތީ، އަދި 25 އަހަރުގެ ސުރީހަރީ ވަނަމް އެވެ. މި މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް އިމިގްރޭޝަނުން މިހާރު ކުރަމުންދާކަމަށް ވަނީ ހާމަކޮށްފައެވެ.
މި ގުރޫޕުން “މާސްޓާ ދުރްގާ ރާއޯ ގުރޫޖީ” ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހިންގަމުން ގޮސްފައިވާކަމަށް ބެލެވެއެވެ. މި ޕޭޖް މެދުވެރިކޮށް އެމީހުން ދަޢުވާކޮށްފައިވަނީ އަތާއި މޫނު ބަލައިގެންނާއި ހޮރޮސްކޯޕް މެދުވެރިކޮށް މީހުންނަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަށް ޙައްލު ހޯދައިދޭނެ ކަމަށެވެ. މި ޚިދުމަތަށް އެމީހުން 300 ރުފިޔާގެ އަގެއް ނަގަމުން ގޮސްފައިވާކަމަށް ވެސް ވަނީ ހާމަވެފައެވެ.
މި ހައްޔަރުކުރުންތަކާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ މިއީ އިހަށްދުވަހު ހާމަވި “ރޫޙާނީ ފަރުވާ” ގެ ނަމުގައި ކްލާސްތަކެއް ނަގައިދެމުންދިޔަ ހިންދޫ މީހެއްގެ މައްސަލައ މައްސަލައާ ގުޅުންހުރި ކަމެއްކަމަށް ބަޔާންކޮށްފައެވެ.