މާލޭގެ ފްރޫޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއާޢީ ގުޅިގެން 22 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަށައިފިއެވެ.
އެންޑީއެމްއޭ އިން ހާމަކުރި ގޮތުގައި މި ހާދިސާގައި ޖުމްލަ 33 މީހުންގެ ގެދޮރަށް ގެއްލުން ލިބުނެވެ. މީގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 19 ބިދޭސީންނެވެ. މިހާތަނަށް 5 ގޭބިސީއެއްގެ 22 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ހާދިސާ ހިނގީ މިއަދު ފަތިހު 4:20 ހާއިރުގައެވެ. ސިފައިންގެ މަސައްކަތުން އަލިފާން ފުރިހަމައަށް ނިއްވާލެވުނީ ހެނދުނު 6:00 ހާއިރުގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އަލިފާން ރޯވި ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
މި ހާދިސާ ހިނގަން ދިމާވި ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ.