ފައިނު އެއާޕޯޓުގެ މަސައްކަތް ކުރުމަށް މި އަހަރުގެ ފެބްރުއަރީ މަހު އެމްޓީސީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ. މިކަން ރައީސް އިޢުލާންކުރެއްވީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފައިނު ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައެވެ.
ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދާނީ އެ ރަށުގައި އަލަށް ޤާއިމުކުރެވުނު ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތަށް ބުރޫނާރާނެ ގޮތަށެވެ. އަދި މި މަޝްރޫޢަކީ އެ ރަށާއި އެ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުމަށް ލިބިގެންދާނެ ފުރުޞަތެއްގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތުގައި ފައިނުގައި އޭޓީއެމްއެއް ޤާއިމުކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއާއި ފައިނު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކައުންސިލް އިދާރާ މެދުވެރިކޮށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ދެން އެ ރަށަށް ޒިޔާރަތްކުރައްވަން އުންމީދުކުރައްވަނީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށެވެ.