ގަވައިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން އަތުލައިގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގި ރެއިޑު އޮޕަރޭޝަނެއްގައި 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ޓާސްކުފޯހުން މާލޭގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި، އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް، ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން ގަވާއިދާ ހިލާފަށް މިތަނުގައި އުޅެމުންދިޔަ 13 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
މިގްރޭޝަނުން ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ބިދޭސީން އަތުލައިގަތީ “ފިންގާ ޕްރިންޓް ކެފޭ” ނަމަކަށް ކިޔާ ތަނަކުންނެވެ. ރެއިޑުކުރި ތަނުގެ ތެރޭގައި ތޮއްޖެހިގެން ގިނަ އަދަދެއްގެ ބިދޭސީންތަކެއް ދިރިއުޅޭކަން ވީޑީއޯއިން ފެންނަ މަންޒަރުން އެނގެ އެވެ. ވީޑިއޯއިން ފެންނަ ގޮތުން އެ ތަނަކީ ހެދިކާވެސް ތައްޔާރު ކުރާތަނެކެވެ.
މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް މާލެ އާއި ހުޅުމާލެ އިން އަދަދެއްގެ ބަޔަކު އަތުލައިގެންފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.