ބައިނަލްއަޤްވާމީ ފެންވަރުގައި ސާފު ހަކަތައިގެ ދުވަސް ފާހަގަކުރެވެމުންދާއިރު، ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކޮށް، ސާފު ހަކަތައަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ސާފު ހަކަތައިގެ ދުވަހުގެ މުނާޞަބަތުގައި ހިއްސާކުރެއްވި ޚާއްޞަ މެސެޖުގައި ރައީސް ފާހަގަކުރައްވާފައިވާ ގޮތުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ނުރައްކަލަށް ހުށަހެޅިފައިވާ ބިންތިރި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ މުސްތަޤުބަލަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި މިހާތަނަށް ރާއްޖެއިން ވަނީ ޚާއްޞަކޮށް އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.
ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގައި ބޭނުންކުރާ ކަރަންޓު ހަކަތައިގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ކަމަށާއި، ހަކަތައިގެ ސަޕްލައި އަކީ އެކަށީގެންވާ، އިތުބާރު ހިފޭ، ދެމެހެއްޓެނިވި، ރައްކާތެރި އަދި ހެޔޮ އަގުގައި ހަކަތަ ފޯރުކޮށްދޭ ނިޒާމަކަށް ހެދުމަކީވެސް ސަރުކާރުގެ އަމާޒެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވަނީ އިޔާދަކުރަނިވޔާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމުގައި ޕްރައިވެޓް ސެކްޓަރުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައި، މި މަސައްކަތުގައި ދެމިތިބުމަށް ހިތްވަރުދެއްވާފައެވެ.
އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކަނޑައަޅާފައިވާ މޫސުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ އިތުރުން، މި މަސައްކަތްތަކުން ހަކަތައިގެ ރައްކާތެރިކަމާއި އިޤްތިޞާދީ ހަރުދަނާކަން އިތުރުވެގެންދާނެކަމަށް ވިދާޅުވެފައިވެއެވެ.