ރައީސް މުހައްމަދު މުއިއްޒު ހއ. އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
މި ދަތުރުގައި، އެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ތިން ދުވަހުގެ މި ދަތުރުފުޅުގައި 10 ރަށަކަށް ވަޑައިގަންނަވާނެ އެވެ. އެއީ ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަން، އުތީމެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި ދަތުރުފުޅުގައި ރައީސް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ އެވެ. އަދި އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެއިތުރުން ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ.
މި ދަތުރުފުޅުގައި، އެކި ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ފައްޓަވައިދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން: ބައެއް ރަށްރަށުގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއި ކައުންސިލް އިމާރާތްތަކުގެ އިތުރުން ކޯލްޑް ސްޓޯރޭޖް ފެސިލިޓީ މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވާނެ އެވެ. އަދި ބައެއް ރަށްރަށުގައި އައިޑީ ކާޑު އަދި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފައްޓަވައިދެއްވާނެއެވެ. މީގެއިތުރުން ‘މަގޭ ސޯލާ’ ޕްރޮގްރާމްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދީ، ރަށްރަށުގައި އޭޓީއެމްގެ ހިދުމަތް ދިނުމަށް ކައުންސިލްތަކާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ދެމެދު ހަދާ އެއްބަސްވުންތަކުގައި ސޮއިކުރާނެއެވެ.
ރައީސް ވަނީ މިދިޔަ ހަފްތާގައި ރ. އަތޮޅަށް އަދި އޭގެ ކުރިން ހުވަދުއަށް ވެސް ވަޑައިގެންފަ އެވެ.