ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން “އެއްގެއިން އަނެއްގެއަށް” ނަމުގައި ޚާއްޞަ ކެމްޕޭނެއް ފަށައިފިއެވެ. އެޗްޑީސީން ބުނިގޮތުގައި މި ކެމްޕޭނުގެ މަޤްޞަދަކީ ރަމަޟާން މަހާ ދިމާކޮށް ގޭބީސީތަކުން އުކާލާ ތަކެތީގެ ތެރެއިން، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި، އެހެން ފަރާތްތަކަށް ހަދިޔާކުރުމަށް ބާރުއެޅުމެވެ.
މި ކެމްޕޭނުގެ ދަށުން، ހުޅުމާލޭގެ ކޮންމެ ގެއަކުންވެސް ތަކެތި ހަދިޔާ ކުރެވިދާނެއެވެ. ޚާއްޞަކޮށް ބޭނުންކޮށްފައިވާ އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ފަދަ ތަކެއްޗަށް އަމާޒުކުރެވިފައިވެއެވެ.
އެޗްޑީސީން މައުލޫމާތުދޭގޮތުގައި މި ޕްރޮގްރާމް ކުރިއަށްދާނީ ފެބްރުއަރީ 1 އިން 16 އަށެވެ. މި މުއްދަތުގެ ތެރޭގައި ގޭގެއިން ތަކެތި ނަގައި، ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެ ކަމަށާއި، ބާކީވާ ތަކެތި ދޫކުރެވޭނީ ބޭނުންޖެހިފައިވާ ފަރާތްތަކަށް ކަމަށް އެ ކޯޕަރޭޝަނުންް މައުލޫމާތުދެއެވެ.
އެޗްޑީސީން ބުނިގޮތުގައި މިއީ ރަމަޟާން މަހުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރުއަޅައި، ފްލެޓުތަކުން އުކާލާ ކުނީގެ މައްސަލަ ޙައްލުކުރުމަށާއި، އަލުން ބޭނުންކުރުމަށް ބާރުއެޅުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ޕްރޮގްރާމަށް ތަކެތި ހަދިޔާކުރަން ބޭނުންވން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅައިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.