މި އަހަރާއި އަންނަ އަހަރު ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރާނީ ހއ. އުތީމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ. ރައީސް މިކަން އިޢުލާނުކުރެއްވީ ތިލަދުންމަތީ އުތުރުބުރީގެ 10 ރަށަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި އުތީމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ޤައުމީ ބަޠަލު ބޮޑުތަކުރުފާނުގެ އުފަންރަށުގައި ވަގުތުކޮޅެއް ހޭދަކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެކެވެ. އަދި އުތީމަކީ އަބަދުވެސް ޚާއްޞަ ޝަރަފެއް ލިބިގެންވާ ރަށެއްކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، ކޮންމެ ދައުރެއްގައި އެއްފަހަރު އުތީމުގައި ޤައުމީ ދުވަސް އާދައިގެ ގޮތެއްގައި ފާހަގަކުރުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތެއް ނޫންކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ މިކަން މަޝްރޫޢެއްގެ ގޮތުގައި ކުރިއަށް ގެންދިއުން ކަމަށެވެ. މި ނިންމުމާއެކު، މި އަހަރާއި އަންނަ އަހަރު ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރާނެ ރަށެއްގެ ގޮތުގައި ހއ. އުތީމު ހަމަޖައްސަވައި، އެކަން ވަނީ އިޢުލާނުކުރައްވާފައެވެ.