ރައީސް ޑރ. މުޙައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި، ސިޔާސީ ހަމަޖެހުމާއި އެކުވެރިކަމަށް ގޮވާލައްވައިފިއެވެ. ދިއްދޫގައި ބޭއްވުނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ސިޔާސީ ތަފާތުވުންތަކުގެ ސަބަބުން އެކަކު އަނެކަކަށް ކުޑައިމީސްކޮށް އަބުރު ނަގާލުން ހުއްޓާލަން ޖެހޭ ކަމަށެވެ.
“އަޅުގަނޑުމެން ރިވެތި އަޚްލާޤު، ރިވެތި ބަހުރުވަ ބޭނުންކުރަންވާނީ. ކޮންމެ މީހެއްގެވެސް އަބުރާއި އިއްޒަތް އޮންނަންވާނެކަން ހަނދާންކޮށް، އެއަށް އިޙްތިރާމްކުރަން ޖެހޭ،” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން އެއްވެސް މީހަކަށް ސިޔާސީ ގޮތުން އަދަބު ނުދޭނެ ކަމަށާއި، ޤާނޫނުތަކުގައި މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ ފުރުޞަތު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ކަމަށެވެ. އެހެންނަމަވެސް، ޤައުމަށް ޙަޤީޤީ ހަމަޖެހުމާއި ކުރިއެރުން ލިބެން އޮތީ ރައްޔިތުން ބައެއް ފަރުދީ ޒިންމާތައް އަދާކޮށްގެން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔާ ބެނާތައް ދަމާފައިވާއިރު، ޕީއެންސީގެ ސަޕޯޓަރުން ރައީސަށް ހޫނު މަރުޙަބާއެއް ކިޔާފައިވާކަންވެސް ފާހަގަކުރެވެއެވެ.