ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން 57 ރަށެއްގައި ހައުސިން މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި އެންގުމެއްގައި ބުނީ އެ މަޝްރޫއު ހިންގުމަށް ހަމަޖެހިފައި ވަނީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ.
57 ރަށެއްގެ ހައުސިން މަޝްރޫޢުގެ މަސައްކަތް ސަރުކާރުން އިޢުލާނު ކޮށްފައިވާއިރު ރާއްޖޭގެ އުތުރުގައި 20،000 ހައުސިން ޔުނިޓާއި ދެކުނުގައި 20،000 ހައުސިން ޔުނިޓް ތަރައްޤީ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
މި މަޝްރޫއުގެ ދަށުން އިއުލާނު ކުރުމަށް ހަމަޖެހިފައިވާ ކޮންޓްރެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުތަކާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ހަމައެއާއެކު ޕްރީ-ކޮލިފިކޭޝަން ޕްރޮސެސްއެއް މެދުވެރިކޮށް އޯޕަން ނޭޝަނަލް އަދި އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އަށް ހުޅުވާލެވޭ ކޮންޓްރެކްޓްތަކަށް ޚާއްޞަ ޕްރޮކިއުމަންޓް ނޯޓިސްތައް އަންނަ މަހުގެ ތެރޭގައި އިޢުލާން ކުރާނެ ކަމަށްވެސް އެ މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.