އާ ޤާނޫނުގެ ދަށުން ޓޫރިޒަމް ދާއިރާއިން ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި 25 މިލިއަން ޑޮލަރު މާރުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ހއ. ހޯރަފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑަށް ކުރަން ފެށި މަސައްކަތަކީ ޑޮލަރުގެ ތާށިކަން ހައްލުކުރަން އެޅި ފިޔަވަޅުތައް ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، ޓޫރިޒަމް ދާއިރާއިން ލިބޭ ޑޮލަރު މަރުކަޒީ ބެންކަށް މާރުކުރަންޖެހޭގޮތަށް ހެދި ގާނޫނަށް މަދު ރިސޯޓަކުން ފިޔަވައި އަމަލުކުރަމުން ދާކަމަށެވެ. އަދި އެއް މަސްދުވަހުގެ ތެރޭގައި 25 މިލިއަން ޑޮލަރު ބެންކުތަކަށް މާރުކޮށްފައިވާކަމަށް ގަވަރުނަރު މައުލޫމާތު ދެއްވާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
“އެ ގާނޫނަށް ފޯލްވާ އެ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރަންޖެހޭ ހަމަ އެއްވެސް ވިޔަފާރިވެރިޔަކަށް އޭގެން އަޅުގަނޑުމެން އިސްތިސްނާއެއް ނުދޭނަން. ކޮންމެ ރިސޯޓެއްކަމުގައި ވިޔަސް އަދި އެގާނޫނުގެ ދަށުން ޑޮލަރު މާރުކުރަންޖެހޭ ކޮންމެ ފަރާތެއްކަމަށް ވިޔަސް ހަމަޖެހޭނީ އެކަން ކުރައްވަން.” ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އެ ގާނޫނު ފުރިހަމައަށް ތަންފީޒުކޮށް ބޭރު ފައިސާގެ ތެރެއިން ޑޮލަރު މާރުކުރަން ޖެހޭ އެއްވެސް ވިޔަފާރިވެރިއަކަށް އިސްތިސްނާ ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ޑޮލަރު މާރުކުރަން ފެށުމާއެކު ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށެެވެ.