ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނައި ދެ ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ މީހުން ކަމުގައިވާ، އަކާހިލް ތަޕްރަވަން (29އ) އާއި އަމްދާ ޕަންޑިއަން (44އ)އެވެ.
މިމަހުގެ 28ވަނަ ދުވަހު މާލޭގައި ހިންގި މި އޮޕަރޭޝަނުގައި، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ ތަނެއް ބަލައިފާސްކުރިއިރު ބަަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ބާލިދީއެއް ފެނިފައިވެއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
