މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް މުޙައްމަދު ފަޒީންގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތެއް ކުރެވި އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާއި ގުޅިގެން “ހިރާސް” އިން ފުލުހުންގެ މީޑިއާ އޮފިޝަލާއި ސުވާލުކުރުމުން މި މައްސަލަ 27 ޖެނުއަރީ 2025 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އެ މައްސަލައަކީ 2023 ވަނަ އަހަރުން ފެށިގެން ތަފާތު އެކި ދުވަސްމަތިން ފަޒީން އޭނާގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ މި މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވެސް މި މައްސަލަ ބަލަން ފަށާފައިވެއެވެ. ނަމަވެސް، ދެ މީހެއްގެ ޒާތީ މަޢުލޫމާތު ހިމެނޭތީ މައްސަލައިގެ ތަފްސީލުތައް ވަނީ ސިއްރުކުރެވިފައެވެ.
ފަޒީން ބްރޯޑްކޮމްގެ ނައިބު ރައީސްކަމާ ހަވާލުވެފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ. އޭނާ ބްރޯޑްކޮމްއަށް އައްޔަންކުރެވުނީ 2021 ވަނަ އަހަރުގައެވެ. މީގެ ކުރިން ފަޒީން ވަނީ ރާއްޖެ ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.