ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ ޤައުމަށް އުޖާލާ މާދަމާއެއް ހޯދަދިނުމަކީ އެންމެ އިސް ޤައުމީ ވާޖިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޝަހީދުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޝަހީދުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަވައި ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހީންގެ މިނިވަންކަމުގެ ޙައްގުގައި ޖިހާދު ކުރި ބަޠަލުންނާއި ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ، މި ވަޠަނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަށް ހިތްމަތް ކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ޤައުމީ ވާޖިބު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އެމަނިކުފާނުގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފުވެސް ވަނީ ޝަހީދުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޝަހީދުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާ ކަމަށާއި މިލޮބުވެތި ޤައުމުގެ ދިފާއުގައި ޝަހީދުވި އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށް ދުޢާ ކުރައްވާ ކަމަށެވެ.
ރާއްޖޭގައި ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހި ޤައުމާއި މިނިވަންކަން ދިފާޢުކޮށް މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ހަނގުރާމަކުރައްވާ ޝަހީދުވެވަޑައިގެންނެވި ހިތްވަރުގަދަ ދިވެހި ބަޠަލް އައްސުލްޠާން ޢަލީ 6 ވަނަ ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ ޢަލީރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށެވެ.