ސިނަމާލެ ބްރިޖުގެ ހައިވޭގައި ހުރި ކޯންއެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު މިއަދު މަރުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި ޙާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 8:19 ހާއިރު ކަމަށެވެ. އެގޮތުން ބްރިޖް ހައިވޭގެ އެއްފަރާތުގައި ބަހައްޓާފައިވާ ސޯލާ ޕެނަލްތަކުގެ މަސައްކަތެއް ކުރާތީ، އެކަން އަންގައިދޭން ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ބަހައްޓާފައި ހުރި ކޯނެއްގައި ސައިކަލު ޖެހިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
އެ މީހާ މަރުވީ ހެނދުނު 9:05 ހާއިރު އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.