އައްޑޫ ހަންކެޑެ ބްރިޖު އާއްމުންނަށް ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުގެ އިދާރާއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ބްރިޖާ އަދި ބްރިޖާ ގުޅިފައިވާ މަގުތަކުގެ ޓްރެފިކް ފްލޯއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެ ކައުންސިލުން މިދިޔަ ބުދަ ދުވަހު ބޭއްވި ކައުންސިލުގެ ރަސްމީ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.
މި ބްރިޖަކީ އިންޑިއާގެ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ އައްޑޫ މަގު ހެދުމުގެ ޕްރޮޖެކްޓްގެ ތެރެއިން ހަދާފައުވާ ބްރިޖެކެވެ. މި ބްރިޖުގެ މަސައްކަތް ކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއިންނެވެ. މި ބްރިޖް ހެދުމުގެ އަމަލީ މަސައްކަތް އެފްކޮންސް އިން ފެށީ 2021 ގަ އެވެ.
ގާތްގަނޑަކަށް 1.4 ކިލޯމީޓަރު ދިގުމިނުގެ މި ބްރިޖުގައި ހަތަރު ލޭން ހިމެނެއެވެ. މި ބްރިޖުގެ މައިގަނޑު މަގްސަދަކީ އިންޓަގްރޭޓެޑް ޓޫރިޒަމަށް ހަންކެޑެ ތަރައްގީކުރުމަށް ނިންމާފައިވާތީ، އެ ރަށުގެ ބިމަށް އިތުރު ޖާގަ ހޯދުމެވެ. މިހާރު މި ބްރިޖު ގުޅާލަނީ ގައުކެނޑިއާއި މަރަދޫ ބޮޑުމަގުގެ ކޮޅެވެ.
ހަންކެޑެ ބްރިޖު އާއްމުންނަށް ހުޅުވާލާފައިވަނީ ރޭ ދަންވަރު 12 އިން ފެށިގެންނެވެ.