މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާ އާއި ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.
ޕޮލިސް މީޑިއާއިން މިއަދު ބުނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކުރި ކަމަށެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މާލެ، ގ.ޖޫތީގެ ޙަސަން ނަޒީޙް (32އ) އެވެ.
މި އޮޕަރޭޝަން ކުރިޔަށްގެންދިޔައީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެ އޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް، އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ދެ ގެއެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަން 1 ކިލޯއަށް ވުރެ ގިނަކަމަށް ފުލުހުން ވިދާޅުވެއެވެ.
މިމައްސަލައާއި ގުޅިގެން ހަސަން ނަޒީހްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަނދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުންގެ ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.