ސްކޭމްތައް ހުއްޓުވަން މާލީ އިދާރާތައް ގުޅިގެން ގައިޑްލައިނެއް ނެރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަކީ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރާއި ޕްރޮސިކިއުޓަ ޖެނެރަލް އޮފީހާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ޓެލެ-ކޮމިއުނިކޭޝަން އޮތޯރިޓީ އާއި ދިރާގާއި އުރީދު އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ފަހި ޕޭ އަދި ވިލާ ޓްރެވަލްސް އިން ބައިވެރިވި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު މި އިސްލާހުގެ މުހިންމު ބައިތަކާއި، އޭގެ ސަބަބުން އިދާރާތަކުގެ މަސައްކަތަށް އަންނާނެ ބަދަލުތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.
އަދި ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި މާލީ އިދާރާތައް ގުޅިގެން ގައިޑްލައިނެއް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހިއްސާ ކުރި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އޮންލައިން މާލީ މުއާމަލާތްތަކުގެ ރައްކާތެރިކަން އިތުރުކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ހާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށެވެ. މި ގޮތުން، ޓެލެކޮމިއުނިކޭޝަން ކުންފުނިތަކާއި ބޭންކުތަކުން އަޅަމުންދާ ސަލާމަތީ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކޮށްފައިވާއިރު މި ދާއިރާގައި އިތުރަށް ތަރައްގީ ކުރަންޖެހޭ ކަންކަންވެސް ވަނީ ފާހަގަކޮށްފައެވެ.