ރާއްޖޭގެ އައި.ސީ.ޓީ ދާއިރާ ކުރިއަރުވައި، ޑިޖިޓަލް އިކޮނޮމީގެ މަންފާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސަތުގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.
މި ޖަލްސާގައި ނިންމާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
1. ނޭޝަނަލް ސޮވަރިން ކްލައުޑެއް ގާއިމުކުރުން: މިއީ ދައުލަތުގެ އިދާރާތަކުގައި އެއްކުރެވޭ މަޢުލޫމާތާއި ޑޭޓާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އަމާޒުކޮށްގެން ކުރާ މަސައްކަތެކެވެ.
2. އިންޓަރއޮޕަރަބަލް އޯޕަން ޑޭޓާ ޝެއަރިންގ ޕްލެޓްފޯމެއް ގާއިމުކުރުން: މިއީ ސަރުކާރުގެ އިދާރާތަކުގެ މެދުގައި މަޢުލޫމާތު ފަސޭހައިން ހިއްސާކުރުމަށް މަގުފަހިކޮށްދޭނެ ނިޒާމެކެވެ.
3. އީ-ފާސް ތަޢާރަފުކުރުން: މިއީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކުރެވޭ އިލެކްޓްރޯނިކް އައިޑެންޓިފިކޭޝަން ނިޒާމެކެވެ. މީގެ އިތުރުން ޑިޖިޓަލް ސިގްނޭޗަރ ބޭނުންކުރަން ފެށުމަށްވެސް ވަނީ ނިންމާފައެވެ.
4. ޓެކްނޮލޮޖީ ދާއިރާގައި ދިވެހިންނަށް އިސްކަންދިނުން: ސަރުކާރުގެ އައި.ސީ.ޓީ އަދި އެހެނިހެން ޓެކްނޮލޮޖީގެ ޚިދުމަތްތައް ހޯދުމުގައި ދިވެހިންނަށް އިސްކަންދިނުމުގެ ސިޔާސަތެއް ތަންފީޒުކުރުމަށް ވަނީ ނިންމާފައެވެ.
5. އިނޮވޭޝަން ހަބެއް ގާއިމުކުރުން: ޓެކްނޮލޮޖީގެ ދާއިރާގައި އީޖާދީ ގޮތްތައް ހޯދައި، ދިރާސާކުރުމަށް ޚާއްޞަ މަރުކަޒެއް ގާއިމުކުރުމަށް ވަނީ ނިންމާަނީ ނިންމާފައެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަތުރު އިތުރަށް ހަލުވިވެ، އައި.ސީ.ޓީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ. އަދި މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅައި، އެކި ލަނޑުދަނޑިތައް ހާސިލުކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.