ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކަދުރުގެ ތެރެއިން މާލެ ސަރަހައްދަށް ބަހަން ކަނޑައެޅި ކަދުރު ބަހާ ނިމިއްޖެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
1446 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ސަރުކާރުން ހަދިޔާކުރެއްވި 50 ޓަނުގެ ކަދުރު ރާއްޖެ ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ. މި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވަނީ މިދިޔަމަހުގެ 20 ވަނަ ދުވަހުއެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލެއަށް ކަދުރު ބެހުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައި ވަނީ އިސްލާމިކް މިނިސްޓްރީގައެވެ. އެގޮތުން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް 1 ޕެކެޓު ކަދުރު ބަހާފައި ވެއެވެ.
ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރުގެ ތެރޭގައި 25،000 ޕެކެޓު ހިމެނޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. ސަޢުދީން މިއަހަރު ލިބުނު ކަދުރުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 25 ޕެކެޓް ކަދުރުކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ބުނީ ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރުކަމަށެވެ.
މިއީ އަހަރުތަކަކަށް މެދު ކެނޑުމަށްފަހު ރާއްޖޭގައި ކަދުރު ބެހުމުގެ މަސައްކަތް ކުރި އަހަރެއްކަން ފާހަގަކޮށްލެވެއެވެ. އަދި ހަމައެހެންމެ ގޭބީސީތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ރަމަޟާން މަހުގެ އިފްތާރު ޕްރޮގުރާމަށް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ޖަމިއްޔާ ޖަމާއަތްތަކަށް ކަދުރު ދިނުމަށް ނިންމައި އެކަމަށް ޝައުގުވެރިވާ ޖަމިއްޔާ ޖަމާއަތްތަކުން ނަންނޯޓު ކުރުމުގެ ފުރުސަތު ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުޅުވާލާފައި ވެއެވެ.