ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުން މާދަމާ ހެނދުނު 9:00އަށް ތާވަލްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހު މި ޖަލްސާއަކީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާއެވެ.
މިއީ ރައީސް މުޢިއްޒުގެ ދެވަނަ ރިޔާސީ ބަޔާނެވެ. މި މުހިންމު ޖަލްސާގައި ސަރުކާރުގެ އިސްވެރިންނާއި، އުއްތަމަ ފަނޑިޔާރާއި، ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބެވި ސަފީރުންނާއި، އަދި އެހެނިހެން ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަނީ އިޢުލާނު ކުރައްވާފައެވެ.
އާންމު އުސޫލުން، ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައެވެ. މިއަހަރުވެސް އެގޮތަށް ޢަމަލުކުރައްވާ، މާދަމާ އެދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.
ރިޔާސީ ބަޔާނުގައި ރައީސް މުޢިއްޒު ވޭތުވެދިޔަ އަހަރު ޤައުމަށް ކުރިމަތިވި ގޮންޖެހުންތަކާއި، ކުރިއަށް އޮތް އަހަރު ސަރުކާރުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާނެއެވެ.