ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށިފަހުން އެ ގާނޫނާ ހިލާފުވެ، ވޭޕް ބޭނުން ކުރި 12 މީހަކު މިދިޔަ މަހު ޖޫރިމަނާކޮށްފައިވާ ފުލުހުން ބުނެފި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި ވޭޕްގެ މައްސަލަތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި ޖެނުއަރީ މަހު ވޭޕް ބޭނުން ކޮށްގެން 14 މައްސަލައެއްގައި 12 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. އެ މީހުން ޖޫރިމަނާކުރީ ޖުމްލަ 70،000 ރުފިޔާއިންނެވެ.
އަދި ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން އެ މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 14 މައްސަލައެއްގައި 11 މީހަކު ޖޫރިމަނާ ކޮށްފައި ވެއެވެ. މި މީހުންގެ ޖޫރިމަނާއަކީ 60،500 ރުފިޔާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެކުރިން ފުލުހުން ބުނީ، ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް މެދުވެރިކޮށް ފޮނުވާނެ ކަމަށެވެ. އަދި އެ މެސެޖުގައި، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމެނިފައިވާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.