ސަރުކާރުން އަލަށް ތަޢާރަފުކުރި އަހަރީ ފީ އަދި ޖޫރިމަނާ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުޞަތަށް މިހާތަނަށް 58 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅައިފިއެވެ. ފުލުހުންގެ އިދާރާއިން ބުނީ މި ޚިދުމަތަށް އެދި ހުށަހެޅި 58 އެޕްލިކޭޝަނުގެ ތެރެއިން މިހާތަނަށް 20 އެޕްލިކޭޝަނަށް ވަނީ ޚިދުމަތް ފޯރުކޮށްދެވިފައި ކަމަށެވެ.
އަދި 20 އެޕްލިކޭޝަނަށް މިހާރު ޚިދުމަތް ފޯރުކޮށްދެވިފައިވާއިރު ބާކީ ހުރި އެޕްލިކޭޝަންތަށް ވެސް ރިވިއު ކުރުމަށް ފަހު ވީ އެންމެ އަވަހަކަށް ޚިދުމަތް ދެވޭނެ ކަމަށް ފުލުހުން ހާމަކުރެއެވެ.
މި އައު އުސޫލު ތަޢާރަފުކުރީ ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.
މި އުސޫލުގެ ދަށުން، އަހަރީ ފީ އަދި ޖޫރިމަނާ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުޞަތު ލިބޭނީ ކަނޑައެޅޭ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ. މި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަދިވެސް ވަނީ ހުޅުވާލެވިފައެވެ. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ހޯމް މިނިސްޓްރީގެ ވެބްސައިޓުން ނުވަތަ ހޮޓްލައިނުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
