އެއް މިލިއަން ރުފިޔާގެ އިނާމަކާއެކު ހުޅުމާލެ ފޭސް 2ގެ އިސްލާމިކް ސެންޓަރުގެ ޑިޒައިން ހެދުމަށް އާންމުންނަށް ހުޅުވާލައިފިއެވެ.
ހުޅުމާލެ ފޭސް 2 ގައި ޒަމާނީ ފެންވަރުގެ އިސްލާމިކް ސެންޓަރެއް ބިނާކުރުމުގެ ގޮތުން ހަދާ މި އިސްލާމިކް ސެންޓަރު ޑިޒައިން ކުރުމަށް ރާއްޖޭގެ ކޮންމެ އާކިޓެކްޗަރަކަށްވެސް ވަނީ ފުރުސަތު ހުޅުވާލެވިފައި ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ. އަދި ތަފާތު މޮޅެތި ޚިޔާލުތަކަށް ފުރުސަތު ހުޅުވާލެވޭ މި މުބާރާތުގައި ޑިޒައިންކުރަން ޖެހެނީ ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރެވެ.
މި މުބާރާތުން 1 ވަނައަށް ދާ ފަރާތަކަށް 7 ލައްކަ ރުފިޔާ ލިބޭއިރު 2 ވަނަ އަށް ދާ ފަރާތަކަށް ހަމަޖެހިފައިވަނީ 2 ލައްކަ ރުފިޔާ އަދި 3 ވަނަ އަށް ދާ ފަރާތަކަށް 1 ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމިކް ސެންޓަރުގެ މި ޑިޒައިންގައި ނަމާދުކުރެވޭނެ ތަނަކާއި ޕާކިންގ އޭރިއާއާއި، އޮފީސްބަޔަކާއި، މަލްޓީޕާޕަސް ހޯލާއި، ސެމިނަރ ރޫމާއި، ލައިބްރަރީ އަދި ސްޓާފް ކެންޓީނާއި ކާލްސްރޫމްތަކާއި ކޮމާޝަލް އޭރިއާ އަކާއި ރެކްރިއޭޝަނަލް އޭރިއޭއެއް ހިމެނޭނެއެވެ.
މި ޑިޒައިނަކީ ތަފާތު އާޚިޔާލަކަށް ހަދާ ޑިޒައިނަކަށްވާއިރު އެއްވެސް ތަނަކުން މިހާތަނަށް ބޭނުންކޮށްފައިވާ ޑިޒައިނަކަށް ވެގެން ނުވާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ..
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 25 އޮގަސްޓް 2022 ގެ ނިޔަލަށް ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.