މި އަހަރު ރާއްޖޭގެ އިގުތިސާދު 6.4 އިންސައްތައިން ކުރިއަރާނެ ކަމަށް އަންދާޒާ ކުރެއްވޭ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިދިޔަ އަހަރަށްވުރެ މިއަހަރު އިޤްތިސާދީ ދުވެލި ހަލުވި ވާނެ ކަމަށެވެ. އެގޮތުން މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި 6.4 އިންސައްތަ ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެކި ދާއިރާތަކުން ޤައުމުކުރިއަރުވައި ފާގަތި މުސްތަޤްބަލެއް ހޯދުމަކީ އެމަނިކުފާނުގެ އަޒުމްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ނިމިދިޔަ އަހަރަށް ވުރެ މި އަހަރު އިގުތިސާދީ ކުރިއެރުން ހަލުއިވާނެ ކަމަށެވެ.
ނިމުނު 2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، މިއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒަރވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.
“އުންމީދީ އަންދާޒާއަކީ އިރާދަކުރެއްވިއްޔާ 2025 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވުން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ މި އަހަރުގެ އަމާޒަކީ ސަރުކާރުން ނަގާ ދަރަނީގެ އަދަދު މަދުކޮށް ގައުމަށް ދިމާވެފައިވާ މާލީ މައްސަލަތަކަށް ހައްލު ހޯދުން ކަމަށެވެ. އެގޮތުން ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު، އަމާޒަކީ މި އަހަރު ޑެފިސިޓް ބޮޑުތަނުން ކުޑަކޮށް، ސަރުކާރުން ނަގާ ދަރަނީގެ އަދަދު މަދުކުރުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި ބަދަލުތަކުގެ ހެޔޮ އަސަރު ކައިރި މުސްތަގުބަލުގައި ދައުލަތުގެ ރިޒާވަށް ކުރަންފަށާނެ ކަމަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް އެ ތިޔާގިކަން ފޯރަން ފަށާނެ ކަމަށެވެ.