އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި ސަރުކާރު ހިއްސާވާ ޕާޓީ، ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ލިބުނު ކާމިޔާބީއާ ގުޅިގެން ރައީސް ޑރ. މު ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޕާޓީއަށް މަރުޙަބާ ދަންނަވާފައެވެ.
މި އިންތިޚާބުގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ދެ ރަށެއްގެ ކައުންސިލް މެންބަރުންނާއި 10 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން ހޮވުމަށެވެ. މީގެ ތެރޭގައި ހދ. މަކުނުދޫ ކައުންސިލް މެންބަރުކަމާއި ނ. ލަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑި ހިމެނެއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިއަދުގެ ބައި-އިލެކްޝަންގައި ކަނޑައެޅިފައިވާ 37 ގޮނޑީގެ ތެރެއިން 24 ގޮނޑި ޕީއެންސީން ވަނީ އިންތިޚާބަކާ ނުލައި ކާމިޔާބުކޮށްފައެވެ. އަދި މިއަދު ބޭއްވުނު އިންތިޚާބުން 9 ގޮނޑި ކާމިޔާބުކުރުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މުޅި ޖުމްލަ ގޮތެއްގައި، ޕީއެންސީން ވަނީ އަތޮޅު ކައުންސިލްގެ ރައީސްކަމުގެ އެއް ގޮނޑިއާއި، ކައުންސިލް ރައީސްކަމުގެ އެއް ގޮނޑި، އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 29 ގޮނޑި ކާމިޔާބުކޮށްފައެވެ.
އިއްޔެގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 11,325 މީހުންގެ ތެރެއިން 6,275 މީހުން ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 55.41 އިންސައްތައެވެ. ވޯޓުލި ފަރާތްތަކުގެ ތެރޭގައި 3,292 އަންހެނުންނާއި 2,983 ފިރިހެނުން ހިމެނެއެވެ.
މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ގެނެވުނު ޤާނޫނީ އިޞްލާޙަކާ ގުޅިގެން މި އަހަރު ބޭއްވޭ ފުރަތަމަ ބައި-އިލެކްޝަނެވެ. މި އިޞްލާޙުގެ ދަށުން، ކައުންސިލްތަކުގެ ބައި-އިލެކްޝަން ބޭއްވޭނީ އަހަރަކު ދެ ފަހަރު ކަމަށް ވަނީ ކަނޑައަޅާފައެވެ.