ކުރިއަށް އޮތް ރަމަޟާން މަހު އުމްރާއަށްދާ މީހުންނަށް އިތުރު 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވައިފިއެވެ. މި ނިންމުން ރައީސް އިޢުލާނުކުރެއްވީ މިއަދު “އެކްސް” މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް، ބޭންކު އޮފް މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވަނީ މި އިތުރު ލިމިޓް ހަމަޖެއްސުމަށް އަންގަވާފައެވެ. މި ފިޔަވަޅުގެ މަޤްޞަދަކީ މި އަހަރުގެ ރަމަޟާން މަހު އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއިފަސޭހަ ޙައްލެއް ހޯދައިދިނުމެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ލިމިޓު ހަމަޖައްސައިދޭނީ މިހާރު އޮންނަ ޑެބިޓް ކާޑު ޑޮލަރު ލިމިޓުގެ އިތުރަށެވެ.