އާންމުންގެ ރައްކާތެރިކަމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުމަތީ ފަރާތު މޫދު ކައިރިން ފެންސު ޖަހާފައިވާ ސަރަހައްދަށް ވަނުން ވަގުތީގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކޮށްފިއެވެ.
އެޗްޑީސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ ސަރަހައްދަކީ މިވަގުތު މަސައްކަތް ހިނގަމުންދާ ތަނަކަށްވެފައި، ގިނަ އަދަދެއްގެ ބަރު އުޅަނދުތައް ބޭނުންކުރާ ސަރަހައްދެއް ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި ސަރަހައްދަށް ވަދެނުކުތުން މަނާކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެޗްޑީސީއިން ވަނީ މި އެ ސަރަހއްދުގަިއ ކުރިއަށްދާ އަސޭރިއާ ޕްރެޖެކްޓްގެ މަސައްކަތާއި ޗެނަލް ކޮނުމުގެ މަސައްކަތް ފިޔަވައި އެހެން ބޭނުމަކަށް އެ ސަރަހައްދަށް ވަންނަން ޖެހިއްޖެ ހާލަތެއްގައި، އެޗްޑީސީން ދޫކުރާ ހުއްދަ އޮވެގެން ވަދެވޭނެ ކަމަށެވެ.
އަދި ހުއްދަ ލިބިގެން އެ ސަރަހައްދަށް ވަންނަ ފަރާތްތަކުން ކަނޑައެޅިފައިވާ ސަލާމަތީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.