މިމަހުގެ 1 ވަނަ ދުވަހު ބުރިޖު ހައިވޭ މަތީގައި އެކްސިޑެންޓެއް ހިނގައި، މީހަކު މަރުވި މައްސަލަ ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވުމަށް މަސައްކަތްކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ސިނަމާލޭ ބުރިޖު ހައިވޭ މަތީގައި، ހުޅުމާލެއިން މާލެއަށް ދަތުރުކުރި ލޭނުގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓުގައި މަރުވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ، 30 އަހަރުގެ ޖާވިދު ޗައުދަރީ ނަމަކަށް ކިޔާ މީހެކެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި އެ ވަގުތު ހިނގަމުންދިޔަ ސޯލާ ޕެނަލް މަސައްކަތާ ގުޅިގެން މަގުގެ އަރިމަތީގައި ބަހައްޓާފައި ހުރި ކޯނުތަކެއްގައި ސައިކަލު ޖެހި ވެއްޓުނު ވަގުތު، ފަހަތުން އައި އެހެން ސައިކަލަކުން، ވެއްޓިފައި އޮތް މީހާގެ ގައިގައި ޖެހިގެންނެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ހާދިސާގެ ސީސީޓީވީ ފުޓޭޖު ދިރާސާކުރުމުން މަރުވި މީހާ ހައިވޭ މައްޗަށް ވެއްޓުނު ވަގުތު، ފަހަތުން އައި ސައިކަލުން އޭނާގެ ބޮލާ ދިމާލުގައި ޖެހޭ މަންޒަރު ފެންނަ ކަމަށެވެ.
އެހެންކަމުން އެ މީހާ ދުއްވި ސައިކަލު ޓޯކޮށް، ލައިސަންސް ހިފަހައްޓައި، ކޯޓު އަމުރެއްގެ ދަށުން ލައިސަންސް ހިފަހައްޓާފައިވާ މުއްދަތު އިތުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން، އަންހެން މީހާ ސައިކަލު ދުއްވި ދުވެލި ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށައި، ތަހުގީގު ފުރިހަމަކުރުމަށްފަހު ޕީޖީއަށް ފޮނުވަން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.




ކޮބާ ސްކޫޕީ ދައްތަގެ ވަނަވަރު