މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށް އެހީތެރިވުމަށް ވޯލްޑް ބޭންކުގެ އެހީގައި އައު ޕްރޮގްރާމެއް ފަށަން ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވިގޮތުގައި މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުމާއި، މަހުގެ އުކާލާ ބައިތަކުން ފައިދާ ކުރުވަނިވި އުފެއްދުންތައް އުފެއްދުމަށް ހިތްވަރު ދިނުން ކަމަށެވެ. އަދި މި ޕްރޮގްރާމަށް 8.3 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 128 މިލިއަން ރުފިޔާ) ހަމަޖެހިފައިވާ ކަމަށާއި މީގެ ތެރެއިން 1.8 މިލިއަން ޑޮލަރު (27.7 މިލިއަން ރުފިޔާ) ޚާއްޞަކުރެވިފައިވަނީ މަހުގެ އުފެއްދުންތައް އުފައްދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި މި ޕްރޮގްރާމުގެ ދަށުން ހުށަހަޅާ ޕްރޮޖެކްޓުތަކުގެ ޖުމްލަ އަގުގެ 40 އިންސައްތަ ހިލޭ އެހީގެ ގޮތުގައި ލިބިގެންދާނެއެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ފައިސާ ހޯދުމަށް ކުރިމަތިލެވޭނެ އުސޫލުތައް ކަނޑައަޅައި އެޕްލިކޭޝަނަށް ހުޅުވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މަސް ހިއްކައި ވިއްކާ ފަރާތްތަކަށާއި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް އެހީތެރިވުމެހީތެރިވުމަށް އިތުރު ޕްރޮގްރާމްތަކެއް ސަރުކާރުން ކުރިއަށް ގެންދާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމްތަކުގެ ދަށުން ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯނު ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަމަށާއި، މިހާރުވެސް ބައެއް ފަރާތްތަކަށް ފައިސާ ދޫކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.