ބ. ގޮއިދޫގައި ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ލިބުނު ކާމިޔާބީއާ ގުޅިގެން، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށް ޕީއެންސީގެ ފަރާތުން ބުނެފިއެވެ.
މީގެކުރިން އެމްޑީޕީގެ މެޖޯރިޓީ އޮންނަ ގޮއިދޫގައި ދާދިފަހުން ބޭއްވި ބައިއިލެކްޝަނުން ޕީއެންސީ ވަނީ ގޮނޑިއެއް ކާމިޔާބުކޮށްފައެވެ.
މިކަން ފާހަގަކުރެއްވުމަށްފަހު ޕީއެންސީގެ ކެމްޕޭން ޓީމުގެ އިސް ފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ވިދާޅުވި ގޮތުގައި، ގޮއިދޫގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެނީ ޞިއްޙީ ޚިދުމަތްތަކުގެ ދަތިކަމާއި، ކަރަންޓުގެ ޚިދުމަތުގެ ދަތިކަމާއި، ގޯތި ދޫނުކުރެވި އޮތުމާއި، އަދި މަސްވެރިކަމަށް ޚާއްޞަ ޖެޓީއެއްގެ ބޭނުންވުމެވެ.


މެންބަރު ޟަމީރު ވިދާޅުވީ ގޮއިދޫ ޞިއްޙީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރުގައި ދަންނަވާފައިވާ ކަމަށާއި، މި އިމާރާތުގައި ސްކޭން މެޝިނާއި އެކްސްރޭ ނެގޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް އިތުރު ޖަނަރޭޓަރެއް ބޭނުންވާ ކަމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ގޯތި ދޫކުރުމުގެ މައްސަލައަކީ ޒުވާން އާއިލާތަކަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި، މި މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށް މެންބަރު ޟަމީރު ވަނީ ވިދާޅުވެފައެވެ. އަދި ރަށުގެ އިރުމަތީ ފަރާތުގައި މަސްވެރިކަމަށް ޚާއްޞަ ޖެޓީއެއް ޤާއިމުކުރުމަށް ސަރުކާރުގައި ދަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީއެންސީގެ ކެމްޕޭން ޓީމުގައި ބ. ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޕީއެންސީއަށް ކާމިޔާބީ ހޯދައިދިނުމަށް އެޓީމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާތީ، އަހުމަދު ޟަމީރު އޭނާގެ އަގު ވަޒަންކޮށް މެންބަރަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ..