އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
މި ބިލު ހުށަހެޅުއްވީ މައްޗަންގޯޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ޟަމީރެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވުން މިއަދުގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާއިރު މިއަދު ނެގުނު ވޯޓުން ވަނީ މި ބިލް ބަލައިގަތުމަށް ފާސްކޮށްފައެވެ.
މި ބިލުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ޑަބްލިޔުޑީސީތަކުގެ ދައުރު އިިތުރަށް ސާފުކޮށް ގާނޫނުގައި ބަޔާންކޮށް، އެ ކޮމިޓީތައް ބާރުވެރިކުރުވުން ކަމަށެވެ.
މި ބިލުގައި ހިމެނޭ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލުކޮށް، ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށް ޓަކައި ގެންނާން ޖެހޭ އިސްލާހުތައް ގެނައުމާއި، ކޮޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަސީލަތްތަކާއި ތަމްރީން ފަދަ ކަންކަން ކައުންސިލްތަކުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހަމަޖައްސައިދިނުމާ ބެހޭ އުސޫލުތައް ހިމެނެއެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅިއިރު މީގެ ކުރިން އދ. ދަނގެތީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ ރަމަޟާން މަހުން ފެށިގެން ޑަބްލިއުޑީސީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ މެދު މިހާތަނަށް އަމަލުކޮށްފައިވަނީ ބޭއިންސާފުން ކަމަށެވެ.
މިއަދު ހުށަހެޅުނު ބިލުގައި ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ ތެރެއިން ރޯދަ މަހުގެ އިނާޔަތް ނުލިބޭ ކޮންމެ މެމްބަރަކަށް، ކޮންމެ އަހަރެއްގެ ރޯދަމަސް ފެށުމުގެ ކުރިން 3،000ރ. ދިނުމަށެވެ.
މި ބިލް ބަލައިގަނެ ދިރާސާ ކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.