ކުރިއަށްއޮތް ރަމަޟާން މަހަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް، މިމަހުގެ 20 ވަނަ ދުވަހު މާލެ ސަރަހައްދުގައި ބެހުމަށް ނިންމައިފިއެވެ.
އެސްޓީއޯއިން ބުނީ، 180 ގްރާމުގެ 48 ދަޅު ހިމެނޭ ތެޔޮ މަސްދަޅުކޭސް އަންނަ ހަފުތާގެ ބުރާސްފަތިން ފެށިގެން މިމަހުގެ 28ވަނަ ދުވަހަށް މާލެއިން ދޫކުރާނެ ކަމަށެވެ. އެގޮތުން މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ބެހުމަށް ނިންމާފައިވަނީ މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށް ކަމަށް އެސްޓީއިން ބުނެފައިވެއެވެ.
އެސްޓީއޯއިން ބުނިގޮތުގައި މަސްދަޅު ކޭސް 5 ތަނަކުން ދޫކުރާނެ އެވެ. އެއީ:
- މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔާއި މިފްކޯ އޮފީސް ކޮމްޕައުންޑް
- ވިލިމާލޭ ކައުންސިލް އޮފީސް
- އުމަރު ޒާހިރު ބިލްޑިން (ފޭސް 1)
- ހިޔާ ފްލެޓް ޓަވާ 10 ގެ ޔޫތު ސެންޓަރު (ފޭސް 2)
މަސްދަޅު ކޭސް ދޫކުރާނީ ގޭގޭގެ ކަރަންޓު މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައި ކަމަށާއި މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެ ތާރީހުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ، އެކަން އަންގާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
މާލެ ސަރަހައްދުގައި މަސްދަޅުކޭސް ދޫކުރާނީ ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ.