ރައީސް ޑރ. މުހައްމަދު މުއިއްޒު، “ޤަޟާޢީ އަހަރު 2025” ރޭ އިފްތިތާޙްކޮށްދެއްވައިފިއެވެ.
އެމަނިކުފާނު “ޤަޟާޢީ އަހަރު 2025” އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
ޤަޟާޢީ އަހަރު އިފުތިތާހު ކުރެއްވުމުގެ ރަސްމިއްޔާތަކީ، އައު ޤަޟާޢީ އަހަރަކަށް ކުރިމަތިލާއިރު، ފާއިތުވި އަހަރު ކުރެވިފައިވާ މަސައްކަތްތައް ފާހަގަކުރުމާއެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުއީ ގޮތުންނާއި، އިދާރީގޮތުން ޝަރުއީ ދާއިރާ ހަރުދަނާ ކުރެއްވުމަށްޓަކައި އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ބާއްވާ އިހުތިފާލެކެވެ.
ޤަޟާޢީ އަހަރު އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތުގައި، ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރުން ތަކްރީމުކުރެއްވުން ކުރިއަށްދިޔައެވެ. އަދި މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަޙްމަދު މުޢުތަޞިމް އަދުނާން ވަނީ ޤަޟާޢީ ބަޔާން އިއްވަވާފައެވެ.
ޤަޟާއީ އަހަރު އިފުތިތާހު ކުރުމުގެ ޕްރޮގްރާމްގެ ގޮތުގައި 2021ވަނަ އަހަރު ފިޔަވައި ފާއިތުވި އަށް އަހަރު ވެސް ވަނީ ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ. މި ގޮތުން އިދާރީ ގޮތުން ޝަރުއީ ދާއިރާގެ ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލު ކުރުމަށްޓަކައި ފަނޑިޔާރުންގެ ގައުމީ މަހާސިންތާގެ ނަމުގައި މަހާސިންތާއެއް، މިއަހަރު ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.